Monday, November 16
ހެނބަދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނ. ހެނބަދޫގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

މިގޮތުން އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، އެ ރަށުގެ މީހުން ދިރިއުޅޭ ގޭގެއަށް ފެން ވަންނާތީ، އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.

Image
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައިވެސް ވަނީ މިއަދު ފެންބޮޑުވެފައެވެ. މިގޮތުން މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

އެ އިދާރާއިން ވަނީ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު