Saturday, October 31
އެމްއެމްސީގެ ރައީސަކަށް ޘަޤީފް އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ ރައީސަކަށް ތިލަދުން އޮންލައިންގެ ޙުސައިން ޘަޤީފް މިއަދު އިންތިޚާބުކޮށްފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހު އެމްއެމްސީއަށް އަލަށް 10 މެންބަރުން އިންތިޚާބުކުރުމަށްފަހު، އެ ކައުންސިލުގެ ރައީސާއި، ނައިބު ރައީސް ހޮވުމަށް އިއްޔެ ވަނީ ވޯޓު ނަގައިފައެވެ. ނަމަވެސް ރައީސް އިންތިޚާބުކުރަން ނެގި ވޯޓުގެ ނަތީޖާ އެއްވަރުވުމުން ދެވަނަ ފަހަރަށް މިއަދު ވަނީ ވޯޓުލައިފައެވެ.

މިއަދު ފެށި އެމްއެމްސީގެ 16 ވަަނަ ދައުރުގެ ރައީސް ކަމުގެ މަގާމަށް ޘަޤީފްއާ ވާދަކުރެއްވީ '"މިހާރު"' ނޫހުގެ ފާޠިމަތު ޝަނާ މުޙައްމަދެވެ.

އެގޮތުން އެމްއެމްސީގެ ރައީސަކަށް ޘަޤީފް އިންތިޚާބުކުރީ އަށް ވޯޓުންނެވެ. ޝަނާއަަށް ލިބިލެއްވީ ހަތް ވޯޓެވެ.

އިއްޔެ ނެގި ވޯޓުގައި މީޑިއާ ކައުންސިލުގެ ނައިބު ރައީސަކަށް އިންތިޚާބުކުރީ އާންމުންގެ ފަރާތުން ކައުންސިލަށް އިންތިޚާބުވި އިބްރާހިމް މުޙައްމަދެވެ.

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި، އާންމުންގެ ތެރެއިން އިންތިޚާބުކުރާ ހަތް މެންބަރުންގެ މައްޗަށެވެ.

މީޑިއާ ކައުންސިލުގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް ބޭފުޅަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާނުކުރެއްވޭނެއެވެ.

މީޑިއާ ކައުންސިލަކީ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚުސެކެވެ. އެ ކައުންސިލުގެ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރާއި، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ބާރު ލިބިގެންވެއެވެ.

މި ކައުންސިލުގެ މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން، ގާނޫނު ތަންދޭ ގޮތުގެ މަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމާއި، ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމުކޮށްދިނުމެވެ.

ހަމައެއާއެކު ދިވެހި މުޖުތަމައު ގަބޫލުކުރާ އެންމެމަތީ އަޚްލާގީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު