ތިން މިނިސްޓްރީއެއް ހިންގަމުން އައި މ.ގްރީން ބިލްޑިންގ ގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދޭނެ ކަމަށް އިދިކޮޅު އެމްޑީޕީއިން މިއަދު ބުނެފިއެވެ.
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ ބޭއްވި ދުވަހު ކަމަށާއި، އެހެންކަމުން އެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރުމަށް ފުރުސަތު ނުލިބޭ ކަމަށެވެ.
އެގޮތުން އެ މަސައްކަތްތައް ކުރުމަށް ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބާއްވައިދޭން މިއަދު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ދަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ގަވާއިދުގައިވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަދުވެގެން 31 މެންބަރުންގެ ސޮޔާއެކު އެކަމަށް އެދި ހުށަހެޅުމުންނެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ތިއްބެވީ 12 މެންބަރުންނެވެ. އެކަން ފާހަގަކުރައްވަމުން ނާޒިލް ވަނީ ޕީއެންސީގެ މެންބަރުންގެ ތާއީދު ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.
އެމްޑީޕީއިން ވަނީ އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުުގީގެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރުމަށް ވެސް ހުށަހަޅައިފައެވެ.
ބުރާސްފަތި ދުވަހު ފުރަތަމަ އަލިފާން ރޯވީ ގްރީން ބިލްޑިންގ ގައި ހިންގާ ހައުސިންގ މިނިސްޓްރީގައެވެ. އޭގެފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެންވަޔަރަންމަންޓް މިނިސްޓްރީގައި ވެސް އަލިފާން ރޯވެ، ހަގަޑިއިރު ފަހުން އަލިފާންގަނޑު ނިއްވާލެވުނުއިރު އެ އިމާރާތް ވަނީ އަނދާ ހުލިވެފައެވެ.
ނާޒިލް ވިދާޅުވި ގޮތުގައި އަލިފާންގަނޑު ފެތުރި އިމާރާތް އެއްކޮށް އަނދައިގެން ދިއުމުގައި އެމްއެންޑީއެފްގެ އިހުމާލު ވަރަށް ބޮޑެވެ. އެހެންކަމުން އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ރާވައިގެން ކުރި ކަަމަށް ބެލެވޭ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖީނާއީ ތަހުގީގެެއް ހިންގުމަށް އެދި ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައެވެ.
މި ލިޔުން ކިޔާލުމުން