Tuesday, November 17
ސާވާތައް ސަލާމަތް ނުކުރެވުނީ ކީއްވެގެން ކަމާއިމެދު ޝައުނާ ސުވާލު އުފައްދަވައިފި
މިދިޔަ ބުރާސްފަތި ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި ވުޒާރާތަކުގެ ސާވާތައް ސަލާމަތް ނުކުރެވުނު ސަބަބާމެދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު، އާމިނާތު ޝައުނާ ސުވާލު އުފައްދަވައިފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، އެ ދުވަހު ގްރީން ބިލްޑިންގ ސަލާމަތް ނުކުރެވުނީ ކޮން ބޭފުޅަކު ކޮން ޑިސިޝަނެއް ކޮން ގޮތަކަށް ނަންގަވައިގެންކަން ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ. "އަޅުގަނޑުމެންނަށް މަޢުލޫމާތު އެބަ ލިބޭ އެ ތިން މިނިސްޓްރީގައިވެސް މަސައްކަތްކުރައްވާ މުވައްޒަފުންވެސް އާދޭހާއެކީގައި ދަންނަވަމުން ގެންދެވި ސަރވަރތައް އެތަނުން ސަލާމަތްކޮށްދެއްވާށޭ...އަދި ސަރވަރ ރޫމްތަކަށް ވަދެވޭނެ ގޮތްތަކާ އެއްޗެހި އެބޭފުޅުން ތަކުރާރުކުރައްވަމުން ގެންދެވި ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރު"، ޝައުނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ އެހެންކަމުން އެ ނިންމުން އެ ވަގުތު ނުނިންމެވީ ކީއްވެގެންތޯ އާއި، އެއީ ސަރުކާރުގެ މިސްމެނޭޖުމަންޓާ ގުޅިފައި ހުރި ކަމެއްތޯ ނުވަތަ މެންޑޭޓަށް ގެނައި ބަދަލުތަކުގެ ސަބަބުންތޯ ފަދަ ސުވާލުތަކަށް ޖަވާބު ދެއްވަން އެބަ ޖެހޭ ކަމަށެވެ. މިދިޔަ ހަފުތާގައި ހިނގައިދިޔަ މި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ އަނދައި ހުލިވެފައެވެ. މީގެ ސަބަބުން، އެ ތިން ވުޒާރާގެ މަސައްކަތްތައްވެސް ވަނީ ވަގުތީ ގޮތުން މިހާރު ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު