ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް މިއަދު އައްޔަން ކުރައްވައިފިއެވެ.
އީސީގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތަޢުފީޤުގެ ދައުރު މިދިޔަ މަހުގެ 23 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނާއި، އެ ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި ޢަލީ ނަޝާތުއާއި، މެންބަރު ކަމުގައި ހުންނެވި މުޙައްމަދު އާސިފް މަގާމުން ވަކިކުރުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން މިއަދާ ހަމައަށް ކޮމިޝަނުގައި ތިއްބެވީ ދެ މެންބަރުންނެވެ.
ފުއާދުގެ ދައުރު ހަމަވާތީ މެންބަރު ކަމަށް ހުޅުމާލެ ހިޔާ 11-23-05، ޢަބްދުލްޙަސީބު އިސްމާޢީލް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
އީސީިއިން މިއަދު ބުނީ ގާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އީސީގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސް ޑރ. މުޢިއްޒު މިއަދު އެ ކޮމިޝަނުގެ މެންބަރު ކަމަށް ޢަބްދުލްޙަސީބު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
މިހާތަނަށް ޢަބްދުލްޙަސީބު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުގައެވެ.
އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް، ރައީސް ޑރ. މުޢިއްޒު މިހާރު ވަނީ މުޙައްމަދު ޒާހިދު ދަފްތަރު ނަންބަރު ރސ 1548 އާއި، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރޯޒް/ކ.ހުރާ ގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން