ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަޙްރައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ހަމަދް ބިން ޢީސާ އަލް-ޚަލީފާއަށާއި، ބޮޑުވަޒީރު ވަލީއަޙުދު ޚަލީފާ ބިން ސަލްމާން އަލް-ޚަލީފާއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަޙްރައިންގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އަޚްވަންތަ ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ބަޙްރައިނާ ދެމެދުގައި އުފެދިފައިވާ ގާތް އަޚްވަންތަކަމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރަސްގެފާނު ހަމަދް ބިން ޢީސާ އަލް-ޚަލީފާއަށާއި، ބޮޑުވަޒީރު ވަލީއަޙުދު، ޚަލީފާ ބިން ސަލްމާން އަލް-ޚަލީފާއަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޤައުމުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.
ބަޙްރައިންގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ބަޙްރައިނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 24 މާރިޗު 1980 ގައެވެ.
މި ލިޔުން ކިޔާލުމުން