Saturday, October 31
ލަމްހާ ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓަށް

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން، އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލީ ބައެއް ޝަރުތުތަކާއެކުއެވެ.

އަލުން އޭނާ ބަންދުކޮށްދިނުމަަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވިއިރު، ފަނޑިޔާރުންގެ މަޖިލީހުން ވެސް އެ ނިންމެވުމަށް ވަނީ ތާއީދުކުރައްވާފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި ތަރުޖަމާނު އަޙްމަދު ޝަފީޢު ވިދާޅުވީ އެ ނިންމުން އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު މޭރީ މަަރައިލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ލަމްހާ ހައްޔަރުކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.

ލަމްހާއާއި މާވިން އަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އައި ދެ ނަރުހުންނެވެ.

މޭރީ މަރައިލިކަމުގެ ތުހުމަތުގައި މާވިންގެ މައްޗަށްް ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު