Saturday, October 31
މިހާތަނަށް ނުދެވޭ ހުރިހާ ރަށަކަށް އަންނަ އަހަރު ދާނަން: ރައީސް

ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވަން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ވަޑައިނުގެންނެވޭ ހުރިހާ ރަށަކަށް އަންނަ އަހަރު ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އދ.އަތޮޅުގެ ކައުންސިލުތަކާ ބައްދަލުވުމުން ދެން ބާކީ ބައްދަލުނުކުރެވި އޮންނާނީ ހަތަރު ކައުންސިލެއް ކަމަށެވެ. އެއީ ކުރީގައި ކުރެއްވި ދަތުރުފުޅުތަކުގައި އެކި ސަބަބުތަކާ ހެދި ބައްދަލުނުވެ އޮތް ހަތަރު ކައުންސިލު ކަމަށާއި، އެ ހަތަރު ކައުންސިލާ ބައްދަލުވުމުން މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުވީ ކަމަށެވެ.

ކައުންސިލުތަކާ ބައްދަލުވުމަށްފަހު ދެން ކުރައްވަން ނިންމަވާފައި އޮތީ އެމަނިކުފާނު ވަޑައިނުގަންނަވާ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރުފުޅުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ، މި ދާއިރާގެ ދެންހުރި ރަށްތަކަށްވެސް، މި އަތޮޅުގައިވެސް އަޅުގަނޑަށް ނުދެވި ހުރި ރަށްތަކަށް ރަސްމީކޮށް ނުދެވި ހުރި ރަށްތަކަށް އަދި މުޅި ރާއްޖޭގައިވެސް ނުދެވޭ ރަށްތަކަށް މި އަންނަ އަހަރުތެރެއަށް ބަހާލައިގެން، މުޅި އަހަރުތެރެއަށް ބަހާލައިގެން، މި އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ކޮންމެ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން.
ގޮސްފައި ކޮންމެ ރަށެއްގެ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްދަލުކުރާނަން.

އޭރުން ރައްޔިތުން ބޭނުންވާ ކަންކަން އެނގިގެންދާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރައްވަން ވަރަށް ފަސޭހަވެގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޕްލޭނަކީ 2027 ގެ ތެރޭގައި ހުރިހާ ރަށަކަށް އަނެއްކާވެސް ދެވަނަ ފަހަރަށް ވަޑައިގަތުން ކަމަށާއި، ރިޔާސީ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު