Saturday, October 31
ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ފޯރުކޮށްދެވޭނީ އަމިއްލަވަންތަކަން އަނބުރާ އިއާދަކޮށްގެން: ރައީސް

ގައުމުގެ މުސްތަގުބަލު ދަރިންނަށްޓަކައި ރަނގަޅު ގޮތުގައި ފޯރުކޮށްދޭން ބޭނުންވާނަމަ، ދިވެހީންގެ އަމިއްލަވަންތަކަން އަނބުރާ ގެނެސް ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ހަގީގީ ތަރައްގީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްގީ އެކަނި ނޫން ކަމަށާއި، މައުނަވީ ތަރައްގީއެއް ލިބެން އޮތީ އުމްރާނީ ތަރައްގީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްގީ ވެސް ހާސިލުކުރެވިގެން ކަމަށެވެ.

ގައުމުގެ މުސްތަގުބަލު، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ރަނގަޅު ގޮތުގައި ފޯރުކޮށްދޭން ބޭނުންވާނަމަ، މި ބިނާކުރާ ބިނާތަކާއި އެއްގޮތަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، އަޅުގަނޑުމެންގެ އައިޑެންޓިޓީ، ކުރީގައި އޮތް ރީތިގޮތް، އަނބުރާގެނެސް ފޯރުކޮށްދޭންޖެހޭ.

މީގެއިތުރުން ރައީސް ވިދާޅުވީ މުޖުތަމައުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ އަޒުމާއެކު މަސައްކަތްކޮށްގެން ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ފިކުރީ ގޮތުން އަންނަ ތަރައްގީއަށް ރައްޔިތުންވެސް ބޭނުންވާނެ ކަމަށާއި، މިފަދަ ކަންކަން ހައްލުކުރުމަށް އެންމެން އެކަތިގަނޑަކަށްވެ، ގައުމީ ވިސްނުމެއްގައި އަތުކުރި އޮޅާލުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފަހަކަށް ސިޔާސީ މައިދާން ފުޅާވެ ތަޣައްޔަރުވަމުންދާ ވަރަކަށް ވަރަށް ގިނަ ރީތި އާދަތަކެއް ގެއްލެމުންދާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން ރަނގަޅު އާދަތައް އިއާދަކުރަންޖެހޭ ކަމަށާއި، އެހެންނޫނީ ހަގީގަތުގައި ގައުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު