އދ.ދަނގެތީ ބަނދަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މި ޔަގީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަ ކުރެވޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ދަނގެތީގައި ވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު ތައުލީމާއި، ސިއްހަތުގެ ދާއިރާއިން ދަނގެއްޗަށް ބޭނުން ވެފައިވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި، ދަނގެތި ފަދައިން އެ އަތޮޅުގެ އެހެން ރަށްރަށަށް ވެސް ދިމާވެފައި އިޖުތިމާއީ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ދަނގެތީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އޮތް ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން