Wednesday, November 18
މަހިބަދޫގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަހިބަދޫގެ ބިން ހިއްކުމަށް ބޭނުންވާކަމަށާއި، އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން އެމަނިކުފާނާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަހިބަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަތައްޤީކުރުމަށް ކަނޑައެޅުއްވި މައިގަނޑު ބޭނުންތަކާއި އެކަން ކުރުމަށް ރާވަމުންދާ ގޮތްތަކާއި، އެކަމުގެ ސަބަބުން އެ ސަރަހައްދަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަންކަން ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ރަށުގައި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެވެސް ޚިޔާލުތައް ހިމަނައިގެން މާފަރު ފަޅުގެ މާސްޓަރ ޕްލޭނެއް، ކައުންސިލުން ތައްޔާރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަހިބަދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު