އާދިއްތަ, November 29
"ހުރާ އެކުވެރި ހިޔާ" ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވައިފިއެވެ.

"ހުރާ އެކުވެރި ހިޔާ" އަކީ ރަށު ރައްޔިތުން އެއްތަންވެ އެކުވެރިކަން އާލާކުރުމުގެ ބޭނުމުގައި އަޅާފައިވާ ބިނާއެކެވެ. "ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ހުރާއަކީ ވަރަށް އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި މިއަދު ހުޅުވިގެން މިދިޔަ ބިނާގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޖީލު ވަރަށް ބޮޑަށް ޑިޖިޓަލައިޒްވެފައިވާ ކަމަށާއި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކާލުން މި އޮތީ ވަރޗުއަލް ކަމަކަށް ބަދަލުވެފައިކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އެކަކު އަނެކަކާއި ސީދާ ބައްދަލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ހިޔާއަކުން އެ މަގުސަދު ހާޞިލުވެގެންދާނެކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

"ހުރާ އެކުވެރި ހިޔާ" ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ރަސްމިއްޔާތަށް ހާޒިރުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާއެކު "ހުރާ އެކުވެރި ހިޔާ"ގައި ވަގުތު ހޭދަކޮއްލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު