އާދިއްތަ, November 1
މަންދޫ ކައުންސިލަށް ރައީސްގެ ޔަގީންކަން: ވައުދުވި ކަންކަން ކުރިއަށްދާނެ

އދ.މަންދޫގެ ތަރައްގީއަށްޓަކައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ އަރިއަތޮޅު ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި އދ.ދަނގެއްޗަށް ވަޑައިގެން މަންދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އދ.ދަނގެތި ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގައި ވަނީ މަންދޫގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަން:

  • ރަށުގެ ސުކޫލަށް އިތުރު ކްލާސް ރޫމް ބޭނުންވާކަން.
  • ސިއްހީ މަރުކަޒުގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާކަން.
  • ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީކުރަން ބޭނުންވާކަން.
  • އޭޓީއެމްގެ ޚިދުމަތް ރަށުން ލިބުމަށް ބޭނުންވާކަން.
  • ރަށުން މާލެއަށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމެއް ހަމަޖައްސަން ބޭނުންވާކަން.

މީގެއިތުރުން ކައުންސިލުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫއުތައް ހިންގާފައިވާ މިންވަރު މަދުކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ފަރާތުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ.

ކައުންސިލުގެ ކަންބޮޑުވުންތައް އަޑުއައްސަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ފެށިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަންދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ހިއްސާ ކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު