Saturday, October 31
އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ޑރ.ޢާއިޝަތު ޝިހާމް

އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަމާޒު ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި މިއަދު ފެށި ތަމްރީން ޕްރޮގްރާމް އިފުތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫއެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ މިއަދުގެ މި މަސައްކަތު ބައްދަލުވުމަކީ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ މުހިންމު މައިލްސްޓޯނެއް ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތު ބައްދަލުވުމަކީ އަންހެނުންގެ އިގުތިސާދީ ބާރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން މިހާ ބޮޑު ސްކޭލެއްގައި ބާއްވާ ފުރަތަމަ ޕްރޮގްރާމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އަންހެނުންގެ ކުރިއެރުމަކީ އާއިލާތަކުގެ ކުރިއެރުން ކަމަށާއި، އާއިލާތައް ކުރިއެރުމުން، މުޖުތަމައު ކުރިއަރައި، އިގުތިސާދު ވަރުގަދަވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ހިންގަވާ މަޝްރޫއުތަކާއި، މަސައްކަތްތަކުގައި އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވަނީ އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެހީތެރިވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގުތައް އިތުރަށް ހަރުދަނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން އަންހެނުންނާއި، އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުމަށް، އެސްޑީއެފްސީއާ ގުޅިގެން، "ފަށާ މަދަދު" ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ތައާރަފުކުރި ލޯނު ސްކީމްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތް ހިމެނޭ ގޮތަށް 60 ފަރާތަކަށް މި ލޯނު ސްކީމް ހަމަޖައްސައިދިނުމަށް ހޮވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު