އާދިއްތަ, November 1
އިމާމުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއުގެ ފަހު ބެޗު ފަށައިފި

އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެ ފަހު ބެޗު މިއަދު މާލެ ސިޓީގައި ފަށައިފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބެޗްގެ ތަމްރީނު ނިމުމާއެކު 2024 ގައި ޕްލޭން ކުރި ގޮތަށް މި އަހަރުގައި ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމުނީ ކަމަށެވެ.

‏މި މަޝްރޫއުގެ ދަށުން މި އަހަރު 818 އިމާމުން ތަމްރީނުކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ތަމްރީނުއި، ފިޤުހާއި، ހަދީސް، ތަފްސީރު، މުޖުތަމައު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި، އިމާމުންނާ ބެހޭ ވަޒީފާގެ ގަވާއިދުތައް މިފަދަ ދާއިރާތަކުން އާ މައުލޫމާތާއި ތަމްރީނު ދީފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި އަހަރު ކުރި މަސައްކަތްތަކަށް ބަލާއިރު، އެ ވުޒާރާއިން ވަނީ އިމާމުންނަށް ރާއްޖެއިން ބޭރުން ތައުލީމާއި، ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް ފަހިކޮށްދީފައެވެ.

މީގެއިތުރުން އެ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 250 އަށްވުރެ ގިނަ ޚަޠީބުން ވަނީ ސަނަދު ހާސިލުކޮށްފައެވެ. އެ ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރު ތެރޭގައި 1,000 ޚަޠީބުން އުފެއްދުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު