Saturday, October 31
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަނީ

މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ މުއައްސަސާއިން ނިންމައިފިއެވެ.

ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ މާފަންނު ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިއުމުގައި ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ބޭރުގެ ޓީމަށް، ފުލުހުންގެ ތަހުގީގު ޓީމާއެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުތަކުން މަސައްކަތް ކުރަމުން އަންނައިރު، ސީސީޓީވި ފުޓޭޖުތައް ހޯދައި އެނަލައިޒްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި، އެވަގުތު އެ ސަރަހައްދުގައި ތިބި މީހުންނާއި، އިތުރު މީހުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކަށް، އެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ އަލިފާން ރޯވީ ގްރީންހައުސް ބިލްޑިންގ ގައި ހިންގަމުން އައި ހައުސިންގ މިނިސްޓްރީގައެވެ. އޭގެފަހުން އެ އިމާރާތުގައި ހިންގަމުން އައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަރަންމަންޓް މިނިސްޓްރީގައި ރޯވެ، އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު