އާދިއްތަ, November 1
އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ.ޚަލީލް އެނބުރި ވަޑައިގެންފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީ އެރުވި ދަޢުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޑރ.ޚަލީލާއި އޮމާންގެ ފޮރިން މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ތަޢުލީމު، ވިޔަފާރި، ފަތުރުވެރިކަން އަދި އިންވެސްޓްމަންޓް ޕްރޮމޯޝަން ފަދަ އެކި ދާއިރާތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްްވައިފައެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ވަނީ މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ފުރަތަމަ އެއްބަސްވުމަކީ ދެ ޤައުމުގެ ފޮރިން މިނިސްޓްރީތަކުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްވަރާތަކުގެ އޮނިގަނޑު ކަނޑައަޅާ ސިޔާސީ މަޝްވަރާތަކާ ބެހޭ އެއްބަސްވުމެވެ. ދެވަނަ އެއްބަސްވުމަކީ ޑިޕްލޮމެޓިކް، ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓު ހޯލްޑަރުންނަށް ވިސާ އިސްތިސްނާކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރަސްމީ ދަތުރުތައް ފަސޭހަވެގެންދާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޑރ. ޚަލީލު ވަނީ އޮމާންގެ ފައިނޭންސް މިނިސްޓަރ, ކޮމާސް މިނިސްޓަރ ގެ އިތުރުން އޮމާން ގެ ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، މުސްތަގުބަލުގައި އެކި ދާއިރާތަކުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިނިސްޓަރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ފޮރ ބައިލެޓަރަލް އެފެއާޒް ޑރ. ހާލާ ޙަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ، އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު