Saturday, October 31
ޑެމްސްގެ ހަރަކާތްތައް އަދި މި ފެށުނީ، މި ތިބީ މަގުތަކަށް ނުކުންނަން ތައްޔާރަށް: ޙަސަން

ރައްޔިތުން ކުރާ ކޮންމެ އިހުތިޖާޖެއްގައި ދަ ޑިމޮކްރެޓްސް (ޑެމްސް) އިން އިސްވެ އޮވެ ބައިވެރިވާނެ ކަމަށާއި، އެ ޕާޓީން އޮތީ އިހުތިޖާޖުތަކަށް ނުކުންނަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ރައީސް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ބޮނޑިބަތްޕާކުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ

ޙަސަން ވިދާޅުވީ '"ގާނޫނުއަސާސީގެ ދިފާއުގައި"' މި ޝިއާރުގެ ދަށުން ޕާޓީން ރާވާފައިވާ އެތައް ހަރަކާތެއްގެ ތެރެއިން ބޭއްވޭ މި ޖަލްސާއަކީ ކުޑަމިންވަރެއް ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ބޮޑު ހަރަކާތްތައް މި ފެށުނީ. އަޅުގަނޑުމެން މިތިބީކީއެއް މި މާލޭގެ މެދުގަ އޮތް ސަރަހައްދަށް އެއްވެލާ ވާހަކަދައްކާލާފަ ގެއަށް ވަންނާން ނުކުމެ ތިބި ބައެއްގެ ގޮތުގައެއް ނޫން. އަޅުގަނޑުމެން މި ތިބީ މަގުތަކަށް ނުކުންނާން.

އޭނާ ވިދާޅުވީ ރައްޔިތުންނާއެކީ އިހުތިޖާޖުކުރަން ޖެހުނީމާ ކުރަންޖެހޭ ކޮންމެ އިހުތިޖާޖެއްގައި ޑިމޮކްރެޓުން އިސްވެ އޮވެ އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހުނަރު ލިބިފައި ތިބި މެންބަރުން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއެއްގައި ނެތް މިންވަރަށް ޑިމޮކްރެޓްސްގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ ގާނޫނުއަސާސީ ތަރުތީބުކޮށްފައި އޮތީ ވެރިކަމުގެ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ގޮތުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކާ ސަރުކާރު ހަވާލުކޮށް ގާނޫނު ހަދައި، ސަރުކާރު ޖަވާބުދާރީ ކުރުވުން އެއީ މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައި ހަދައި އަދި ފަނޑިޔާރުގެތަކެއް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް މަޖިލިސް މެންބަރުން މިހާރު ތިއްބެވީ ރައްޔިތުން ދޫކޮށް ރައީސުލްޖުމްހޫރިއްޔާގެ ޖީބަށް ވެއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް މެންބަރަކު، އެ ބޭފުޅަކު އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އިޝާރަތް ކުރައްވައި ޙަސަން އިތުރަށް ވިދާޅުވީ '"އަޅުގަނޑުމެން ނުކުމެ މިތިބީ އެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ޖީބުން ނަގައި ތިބޭފުޅުންނާ [ރައްޔިތުންނާ] ހަވާލުކޮށްދޭން"' ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު