ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ޠާހިރު ސުންނަތުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތް ﷲ އިޞްލާޙު ކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
"ކީރިތި ޤުރްއާނާ މެދު، އުފައްދާ ޝުބުހަ" މި މައުލޫގެ މައްޗަށް އަލިއަޅުވާލާ ޚުތުބާގައި ބުނެފައިވަނީ ކީރިތި ޤުރްއާނަކީ، މާތް اللهގެ ކަލާމްފުޅު ކަމަށެވެ. އަދި އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ مُحمَّدٌ ﷺ ގެ މައްޗަށް الله تَعَالَى ބާވައިލެއްވި މުޢުޖިޒާތެއް ކަމަށާއި، އޭގެ ލަފުޒާއި މާނަ އައިސްފައިވަނީ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން ކަމަށެވެ.
"އެއީ سُوْرَةُ الْفَاتِـحَةއިން ފެށިގެން سُوْرَةُ النَّاسِ ގެ ނިޔަލަށް ކިޔެވުން އަޅުކަމެއްކަމުގައި ލައްވައި، الله تَعَالَى ބާވައިލައްވައިފައިވާ އެކަލާނގެ ޝަރީޢަތެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނި ގޮތުގައި އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ތަވާތުރުކޮށެވެ. ކަލިމަތަކާއި އަކުރުތައް، ރިވާވެފައިވާ ގޮތަށާއި، އަކުރު އަދާކުރުމުގައި ލުއިކުރުމާއި ބަރުކުރުމަށް، އެއްވެސް ބަދަލެއް ނައިސް، ސަނަދު ގުޅިގެންނެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ޒަމާނުން ފެށިގެން، މި އަދާ ހަމައަށް، ކީރިތި ޤުރްއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާ ހައި ގިނަ ޢަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށެވެ. އެހެންވީމާ، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށްކަން ކަށަވަރެވެ.
"ކީރިތި ޤުރްއާނަކީ، اللهގެ ކަލާމްފުޅުކަމާއި، އަދި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރެއެވެ." ޚުތުބާގައި ބުންޏެވެ
"އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން، މިއަދާ ހަމައަށް ވެސް އެ ކަން ދެމި އެބަ އޮތެވެ. އޭގެ ބޭނުމަކީ، މުސްލިމުން الله އާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި ޢަޤީދާއާ އެއުރެން ދުރުކުރުމެވެ. "ޚުތުބާގައި ބުނެފައިވެ އެވެ.
އަދި "މުސްލިމުން އިސްލާމީ ޝަރީޢަތާ ބީރައްޓެހިކުރުމެވެ. މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމެކެވެ. މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި، ނޭނގި ތިއްބައި، އެ ފަދަ މީހުންގެ ދަލުގައި ޖެހި، މަޅީގައި ބެދުމަކީ ދުރުކަމެއް ނޫނެވެ." ހުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި ކީރިތި ޤުރްއާނާ މެދު ޝައްކު އުފައްދާން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އެއީ اللهގެ ކަލާމްފުޅު ނޫންކަމަށް ހަދާން ކުރި ނާކާމިޔާބު މަސައްކަތެވެ. އެ ކަމަށް ޓަކައި، އެ މީހުން ހަދައިގެން ތަފާތު ވާހަކަ ދެއްކިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ކީރިތި ޤުރްއާނަކީ ހުވަފެނުގެ ހާސަރުތަކެކޭ ބުނުމެވެ. ނުވަތަ އެއީ މުޙައްމަދުގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެކޭ ބުނުމެވެ. ނުވަތަ އެ ކަލޭގެފާނަކީ ޅެންވެރިއެކޭ ބުނުމެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. "އަދި ކިއެއްތަ. އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ. އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ. އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسولން ފޮނުއްވެވި ފަދައިން، އެ ކަލޭގެފާނު ވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނިގޮތުގައި ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ ﷺ އަމިއްލަފުޅަށް އުފައްދަވައިގެން ގެންނަވާ ފޮތެއްކަމަށް މައްކާގެ މުޝްރިކުން ދަޢުވާކުރުމުން، الله تَعَالَى އެ މީހުންނަށް ރައްދު ދެއްވައި އެންގެވީ، އެ މީހުން އެ ކުރަނީ ތެދު ދަޢުވާއެއް ކަމުގައި ވަނީ ނަމަ، އެ މީހުން ވެސް އެފަދަ ޤުރްއާނެއް ގެނެސްގަތުމަށެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. "ފަހެ، އެއުރެންނީ، ތެދު ބުނާބަޔަކުކަމުގައިވާ ނަމަ، އެ ފަދަ قرآنއަކާއިގެން އައިސްބަލާށެވެ." މި މޭރުމުން އެފަދަ މީހުންނަށް ގޮންޖައްސަވައި، الله تَعَالَى އެތައް އާޔަތެއް ބާވައިލެއްވިއެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި ހޫދު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ކީރިތި ޤުރްއާނާ އެއްފަދަ ދިހަ ސޫރަތް ގެނައުމަށް ވަޙީކުރެއްވިއެވެ. އެ ކަމަށް ކުޅަދާނަ ނުވުމުން އަލްބަޤަރާ ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި، ކީރިތި ޤުރްއާނާ އެއް ފަދަ އެންމެ ސޫރަތެއް ގެނައުމަށް ވަޙީކުރެއްވިއެވެ. ނަމަވެސް އެބައިމީހުންނަށް އެފަދަ އެންމެ އާޔަތެއް ހެދުމަށް ވެސް ކުޅާދާނައެއް ނުވިއެވެ. އެންމެ ފަހުން ކީރިތި ޤުރްއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަމުގައި އެންގެވިއެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، މި قرآنއާ އެއް ފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރީންކަމުގައިވީ ނަމަވެސް މެއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ މި އާޔަތްތަކުން އެނގި ހާމަވީ ގޮތުގައި، ކީރިތި ޤުރްއާނަކީ އިންސާނެއްގެ އުފެއްދުމެއްކަމަށް ބުނެ ކުރި ދަޢުވާތައް ވަނީ ނާކާމިޔާބުވެ، ބާޠިލުވެފައި ކަމަށެވެ. އަދި އެއީ ދުވަހަކު ވެސް ކާމިޔާބުވާނެ ކަމެއް ނޫން ކަމަށެވެ.
"ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް، ކީރިތި ޤުރްއާނުގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ހެއްކަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފުޞީލުކޮށް ބަޔާންކުރައްވައިފައި ވުމެވެ." ޚުތުބާގައި ބުންޏެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ." "ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ الله، މަތިވެރިވެވޮޑިގެންވެއެވެ." ޚުތުބާގައި ބުންޏެވެ.
"މިއީ އެ ޒަމާނުގައި އިލާހީ ވަޙީގެ ޒަރީޢާއިން ނޫން ގޮތަކަށް، އެއްވެސް މީހަކަށް އެނގޭނެ މަޢުލޫމާތެއް ނޫނެވެ. އެހެންކަމުން މި ޒަމާނުގެ ޢިލްމީ ދިރާސާތަކަށް ބަލާ އިރު، މި މިސާލުން އެކަނި ވެސް، ކީރިތި ޤުރްއާނަކީ، الله تَعَالَىގެ ކަލާމްފުޅުކަން ކަށަވަރުވެއެވެ. ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި ކީރިތި ޤުރްއާނަކީ، ކީރިތި ރަސޫލާ ﷺ ޝާމުކަރަޔަށް ކުރެއްވި ދަތުރުފުޅުގައި، ނަޞްރާނީ ދީނުގެ ރާހިބެއް ކަމުގައިވާ ބަޙީރާ ގާތުން އުނގެނިވަޑައިގަތް ތަކެތިކަމަށް ބައެއް މުސްތަޝްރިޤުން ދަޢުވާކުރެއެވެ. އެ މީހުން އެހެން ބުނާ ސަބަބަކީ، ކީރިތި ޤުރްއާނުގައި ހުރި ބަސްފުޅުތަކާއި ތައުރާތާއި އިންޖީލުގައި ހުރި ބައެއް ވާހަކަތަކާ، އެއް ގޮތްކަމެއް ހުރީމައެވެ.
"އެ ގޮތަށް އެ ކަން އެ ދިމާވަނީ، މިއަދު އަޞްލު ގެއްލިފައި ވީނަމަވެސް ތައުރާތާއި އިންޖީލަކީ ބާވައިލެއްވި ފޮތްތަކަކަށް ވާތީއެވެ. ނަމަވެސް ކީރިތި ޤުރްއާނަކީ ރަސޫލާ ﷺ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބު އަރިހުގައި ކުރެއްވި ދަތުރުފުޅުގައި، ކުޑަ ވަގުތުކޮޅަކަށް ބައްދަލުވި ރާހިބުގެ ގާތުން އުނގެނިވަޑައިގަތް ތަކެތި ކަމުގައި ވުމަކީ، މުސްތަޙީލު ކަމެކެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ اللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުން ކަމަށާއި، ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ވަނީ، ކީރިތި ޤުރްއާނުގައި އަންގަވައިފައިކަމަށެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ." "އެއުރެން އެދެނީ، الله ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، الله، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނިގޮތުގައި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ޠާހިރު ސުންނަތުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތް ﷲ އިޞްލާޙު ކުރައްވާނެތެވެ. ދެދުނިޔޭގެ ޢިއްޒަތާއި ޝަރަފު އެކަލާނގެ އަހަރެމެންނަށް ދެއްވާނެތެވެ. އަހަރެމެން އެއާ ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެތެވެ. އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި ޢަމަލެއް ބޭކާރުވީއެވެ. އޭރުން އެމީހުން ދާއިމަށް ތިބޭން ޖެހޭނެ ތަނަކީ ނަރަކައެވެ.
"الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ." "އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީ ނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާ ހަނގުރާމަކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކުކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނިގޮތުގައި އިސްލާމް ދީން ނައްތައިލުމަށް ޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހެއެވެ. ދީނުގެ ކަންކަން މޮޅަށް އުނގެނި ޢަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހެއެވެ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުމެވެ.
"ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنَ لَنْ تَضِلُّوْ مَا تَـمَسَّكْتُمْ بِـهِمَا : كِتَابَ اللهِ وَسُنَّةَ نَبِيِّهِ ) މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެއެއްޗެއް ދޫކުރައްވައި ވަޑައިގަންނަވަމެވެ. އޭގައި ހިފައިފި ހިނދަކު ހަމަހިލާ ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެތެވެ. އެއީ، اللهُ سُبْحَانَهُ وَتَعَالَىގެ ފޮތާއި އެކަލާނގެ ނަބިއްޔާ ﷺ ގެ ސުންނަތެވެ." ޚުތުބާގައި ބުންޏެވެ.
"اللهُ سُبْحَانَهُ وَتَعَالَىގެ ފޮތާއި އެކަލާނގެ ނަބިއްޔާ ﷺ ގެ ސުންނަތުގައި ސާބިތުވެ ތިބެއްޖެ ނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެއެވެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެއެވެ." ޚުތުބާގައި ބުންޏެވެ.
މި ލިޔުން ކިޔާލުމުން