އާދިއްތަ, November 1
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ބަލައިގެންފި

ސިވިލް ސަރވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ބަންޑާރަނައިބުގެ އޮފީހުގެ ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހައިލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި، އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ.

މުވައްޒަފުންނަށް ދޭ މުސާަރައާއި، އިނާޔަތްތައް ކަނޑައަޅާނީ ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.

މީގެއިތުރުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިޚުތިޔާރު ގާނޫނުން ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ. އަދި ގާނޫނުގެ ދަށުން ހަދާ، މުވައްޒަފުންގެ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހަކީ މިހާރު ސިވިލް ސަރވިސްގެ ދަށުން ހިންގައި، އެ ތަނުގެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު