އާދިއްތަ, November 1
އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހަކު ވަގުތީ ހިޔާތަކަށް

މ.ގްރީން ބިލްޑިންގ ގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި ތިން އިމާރާތަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏ތިން އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުން ކަމަށެވެ.

އެއީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށާއި، އޭގެތެރޭގައި ސިއްޚީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ދުމުގެ އަސަރުކުރި ގެތަކަކީ މ.ލޯކަށިގެ، މ.ކުދިމާވިލާ، މ.ލޫބިޔާއެވެ.

‏މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި އެ އޮތޯރިޓީއަށް ގުޅާފައިވެއެވެ.

މި ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި ވަނީ އިވޭކުއޭޝަން ސެންޓަރެއް ތައްޔާރުކޮށްފައެވެ. އެހެންނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީ ގޮތުން އެ ފަރާތްތައް ތިމާގެ ގޭގެއަށް ބަދަލުވެފައެވެ.

އެންޑީއެމްއޭއިން މިހާރު މިދަނީ ގެއްލުން ލިބުނު އިމާރާތްތަކުގެ ރެޕިޑް އެސެސްމަންޓްއެއް ހަދަމުންނެވެ. މި ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރިނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް ފެނާއި ކަރަންޓު އަލުން ގުޅައިދިނުމުގެ ޚިދުމަތް ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއޭ އާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު