އެމްޑީޕީގެ މެންބަރުން ޤުރްއާނުގެ ވާހަކަ ދައްކަންވާނީ ތައުވާބެ، ރައްޔިތުންގެ ކުރިމަތީގައި މާފަށް އެދިފައި ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް މުޙައްމަދު މިހެން ވިދާޅުވީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދައުލަތުގެ މީޑިއާއިން ދައްކަމުންދާ ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އިބްރާހިމް ވިދާޅުވީ ޕީއެސްއެމްގެ ވާހަކަ ދެއްކުމަށްޓަކައި އެމްޑީޕީން އެންމެ ފުރަތަމަ ވެސް ކުރަންޖެހޭނެ ކަމަކީ ފާއިތުވި ފަސް އަހަރުގެ ދައުރުގައި އެއްވެސް އިދިކޮޅު މެންބަރަކަށް ފުރުސަތު ނުދީ އޮތުމަކީ ތިމަންނާމެން ކުރި ކުށެއް ކަން ގަބޫލުކުރުން ކަމަށެވެ. އަދި އެހެން ވާހަކައެއް ދައްކަވަންވާނީ އެކަން ކުށްވެރިކޮށްފައި ކަމަށެވެ.
އިބްރާހިމްގެ ވާހަކައިގައި ވަނީ ބިދޭސީއަކު ގެނެސްގެން ކީރިތި ޤުރްއާނުގެ ހައްދުތަކަށް އިންކާރުކޮށް، ޤުރުއާނުގެ ނައްސުތަކަށް އިންކާރުކޮށް ވާހަކަދެއްކި މެންބަރުން މިހާރު ވެސް މަޖިލީހުގައި އެބަ ތިއްބެވިކަން ފާހަގަކުރައްވާފައެވެ.
އަދި ތިމަންނާމެންގެ ވެރިކަމެއްގައި އަތް ނުކަނޑާނެ ކަމަށާއި، މަރުގެ އަދަބު ނުދޭނެ ކަމަށް 2011 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެފައިވާކަން ޔައުމިއްޔާ ބެލުމުން ފެންނާނެ ކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.
މީ ކީރިތި ޤުރްއާނަށް އިންކާރުކުރުމެއް ނޫންތޯ. މީ ކީރިތި ޤުރްއާނުގެ ނައްސަށް ސީދާ ފާޅުގައި އިންކާރުކުރުން. ކޯޓަކަށް ގެންގޮސްފިއްޔާ މުރުތައްދު ހުކުމް އަންނާނެ. އެހެންވީމަ މިވަރު ބަޔަކު ތިބެގެން ކީރިތި ޤުރްއާނުގެ ވާހަކަ ދައްކާއިރު މިތާ އަޅުގަނޑު ކައިރީގަ ވެސް މެންބަރަކު އެބަ އިންނަވާ ބޭރުގެ އެމްބަސީއަކަށް ގޮސް މަރުގެ އަދަބާ ދެކޮޅަށް ބޯޑު ހިއްޕަވައިގެން ވާހަކަދެއްކި މީހުން.
އެހެންކަމުން ކީރިތި ޤުރްއާނުގެ ވާހަކަ އެމްޑީޕީން މަޖިލީހުގައި ދައްކަންވާނީ ތައުބާވެފައި ރައްޔިތުންގެ ކުރިމަތީގައި މާފަށް އެދި ބަޔާން ނެރެފައި ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން