Tuesday, November 17
އަލިފާނުގެ ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޚިދުމަތްތައް މެދުކެނޑިއްޖެ

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ވުޒާރާގެ ޚިދުމަތްތައް މެދުކެނޑިއްޖެއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ހިނގި އެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު އެ ވުޒާރާއިން ދެމުންދާ އާންމު ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށާއި، މި ޚިދުމަތްތައް އަލުން ފެށޭނެ ތާރީޚެއް ކަނޑައެޅުމަށްފަހު، އެކަން އެ ވުޒާރާއިން ވަގުތުން އިޢުލާންކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދެއްްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މަޢާފަށް އެދި، ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް އެ ބަޔާނުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު