އޮމާނާއި ދިވެހިރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު އޮމާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ހާރިޖީ ވަޒީރު ސައްޔިދް ބަދުރު އަލްބުސައިދީއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކީ ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމުގެ އެއްބަސްވުމެކެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އާންމު ރައްޔިތުންނަށްވެސް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިކަމަށެވެ. އަދި އެކަން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިހާރު ދިވެހި ރައްޔިތުންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި ޤައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި އޮމާނާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުޞަތެއްގައި ބޭއްވުމަށްވެސް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.
އެގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާއި، ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން