އާދިއްތަ, November 1
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ.

މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މިހާރު ދަނީ މި ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މި ބިލާމެދު އާންމުންގެ ޚިޔާލެއްވާނަމަ، އެ ޚިޔާލެއް ހުށަހެޅުމަށް މި މަހުގެ 31 ގެ ނިޔަލަށް ހުޅުވައިލާ ކަމަށެވެ.

އެގޮތުން މި ބިލާމެދު ޚިޔާލެއް އޮތްނަމަ، ކޮމިޓީގެ އީމެއިލް އެޑްރެސް judiciary_committee@majlis.gov.mv އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ވަނީ އެދިފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަގުސަދަކީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެ ކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ނިޒާމު އަންނަނިވި ކަންކަން ހާސިލުކުރެވޭނެ ފަދައަކުން އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

އެގޮތުން މި ބިލުން މައިގަނޑު 7 ކަމެއް ހާސިލު ކުރަން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

އެ ކަންކަމަކީ:

ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.

މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.

ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާގުޅޭ އުސޫލުތައް މުރާޖައާކުރުން.

މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.

ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާ ކުރުން.

އެ ނޫން ވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު