ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ނޮވެންބަރު މަހު ދައުލަތަށް 1.89 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ނޮވެންބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު %13.2 ދަށް އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %19.7 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ލިބުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އެއާޕޯޓު ޓެކުހާއި ފީ އަދީ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ މިދިޔަ މަހު އިތުރުވެފައެވެ.
އަދި، އެއާޕޯޓު ޓެކުހާއި ފީ އިތުރުވެފައިވަނީ އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %8.5 އިތުރުވުމުގެ ސަބަބުން ކަމަށްވެސް މީރާއިން ބުނެއެވެ.
މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ، މިދިޔަ މަހު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ލިބުމާއި، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %57.9 ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީންނެވެ. އެއީ %9.1 ނުވަތަ 171.62 މިލިއަން ފުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާއާއި، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އޮކްޓޫބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.73 ބިލިއަން ރުފިޔާ އެވެ.
މި ލިޔުން ކިޔާލުމުން