މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން ލޯންޗުކޮށްފިއެވެ.
މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައި ނޭޝަނަލް އެސެސަރ ޓްރޭނިންގް ޕްލޭން ލޯންޗްކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މާރިޔާއެވެ.
މި ޕްލޭނަކީ ދިވެހިރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރީން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމުގެ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ނޭޝަނަލް އެސެސަރ ޓްރޭނިންގް މެނުއަލްއެއް އެކުލަވާލައި, މިހާތަނަށް 29 ފަރާތެއްވަނީ ޓްރޭނިންގް އޮފް ޓްރޭނާރސް ފުރިހަމަކޮށްފައެވެ. އެމް.އެން.އެސް.ޑީ.އޭ އިން މައުލޫމާތުދޭގޮތުގައި, އެ އޮތޯރިޓީގައި 201 ނޭޝަނަލް އެސެސަރުން ދަފްތަރުކޮށްފައިވެއެވެ.
މި ހަފްލާގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (2021/7) ގެ ދަށުން މެންޑޭޓް ކުރެވިފައިވާ ގޮތުގައި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަށް ވަނީ ވަރަށް މުހިންމު ޒިންމާއެއް ޙަވާލުކުރެވިފައި ކަމަށާއި، އެއީ ދަރިވަރުންގެ ކާމިޔާބީތައް ޤައުމީ ކޮމްޕިޓެންސީ މިންގަނޑުތަކާ އަޅާކިޔައި، ވަރަށް ފުރިހަމައަށް ވަޒަންކުރާ ކޮމްޕިޓެންސީ-ބޭސްޑް އެސެސްމަންޓްތައް ހިންގުން ކަމަށެވެ. އަދި މިއަދު ލޯންޗް ކުރެވުނު ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން އަކީ އެ މެންޑޭޓް ގެ ޒިންމާ ފުރިހަމަކުމަސް ކުރަމުންދާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި އެމް.އެން.އެސް.ޑީ.އޭއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި, އެ އޮތޯރިޓީގެ ސީ.އީ.އޯ. ޑރ. ޒަހްރާ މުޙައްމަދު ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވިއެވެ.
މި ހަފްލާގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި އެ ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ ސީއީއޯ އިންގެ އިތުރުން، ވޯލްޑް ބޭންކް ޓީމުގެ މެންބަރުންނާއި ޤައުމީ އެސަސަރުން ބައިވެރިވެވަޑައިނެވިއެވެ.
މި ލިޔުން ކިޔާލުމުން