އާދިއްތަ, November 1
ބޭނުންވަނީ ސަރުކާރުގައި އޮތް ކޮންޓްރޯލް، މަސްވެރިންގެ އަތްމައްޗަށް ދޫކޮށްލަން: ރައީސް

ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ދާއިރާގެ ބާރުތައް ސީދާ މަސްވެރިންނަށް ދިނުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކ.އަތޮޅާއި އއ.އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި އއ.ރަސްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވަރަށް އިސްކަމެއް ދެއްވާ ކަމަށެވެ.

ރަސްދޫގައި ވެސް ކަންނެއްޔަށް ދާ ބާރަ، ތޭރަވަރަކަށް އުޅަނދު އޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ރަށުގައި މަސްވެރިކަން އިތުރަށް ފުޅާވެގެންދާން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އައިސް ޕްލާންޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަކީ އަދި އިތުރުކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ކަމެއް ކަމަށާއި، އެހެންކަމުން އަންނަ އަހަރުގެ ތެރޭގައި، ސަޢޫދީ ފަންޑާއި އެހެން ފަންޑުތަކުގެ އެކީގައި އަދި ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެކި ރަށްރަށުގައި އައިސް ޕްލާންޓްތައް ގާއިމުކޮށް، މި ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އާންމު މަސްވެރިންނަށް، ކެޔޮޅުންނަށް، އޮޑިވެރިންނަށް، އެ މީހުންގެ އޮޑީގައި، އާރުއެސްޑަބްލިޔޫ ފެސިލިޓީ އާދެ، އަމިއްލައަށް އައިސް އުފައްދައިގެން މަސް ރައްކާތެރިކަމާއެކީ ގެންގުޅެވޭނެ ކެޕޭސިޓީ ގާއިމުކޮށްދިނުމަށް. އިރާދަކުރެއްވީތީ މިހާރު އެގޮތަށް މަސައްކަތްވެސް އެވަނީ ފެށިފައި. މިހާރު އެކަމަށް ލޯނު ދޭން ފަށާފައި އެވަނީ. ވަރަށްގިނަ މަސްވެރިން އެކަމުގެ ފައިދާ އެބަ ހޯއްދަވާ.

ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ސަރުކާރުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނުގެންގުޅެ، އާންމު މަސްވެރިންނަށާއި، ވިޔަފާރިވެރިންނަށް އެ ފުރުސަތު ދޭން ކަމަށާއި، ސަރުކާރުގައި މި އޮންނަ ކޮންޓްރޯލް ނުވަތަ ބާރު މަސްވެރިންގެ އަތްމައްޗަށް ދޫކޮށްލަން ކަމަށެވެ.

އެހެންވީމާ، ދޯނިފަހަރުގައި އާރުއެސްޑަބްލިޔު ޕްލާންޓް ގާއިމުކުރުމުގެ ފުރުސަތު ދޭން ނިންމައި، އިރާދަކުރެއްވިއްޔާ މި ރަށުގެ މަސްވެރިންނަށްވެސް އެ ފުރުސަތު އޮންނާނެ. އަމިއްލަފުޅަށް އެ ކެޕޭސިޓީ ގާއިމުކުރުމަށް ލޯނުގެ އެހީތެރިކަން މިދެނީ. ލުއި ލޯނުން.

އެހެންކަމުން މި ފެށޭ އަހަރު އެކަން ވަރަށް ބާރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގައި އައިސް ޕްލާންޓްތައް ގާއިމުކުރެވޭނެ ކަމަށާއި، ގަސްދުކުރަނީ ކައުންސިލްތަކުން ބޭނުންވާނަމަ، އައިސް ޕްލާންޓްތައް ހިންގަން ކައުންސިލްތަކާ ހަވާލުކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން، މަސްވެރިންނާ ވީހާވެސް ގާތުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު