ރާއްޖެ އަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މިއިން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތް ކަމަށެވެ.
https://twitter.com/ifaisalofficial/status/1865728555595993117
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1،878،539 ފަތުރުވެރިންނެވެ.
އަދި މިއަހަރު މިއަދުގެ ނިޔަލަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިއަހަރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އާއި ރަޝިއާ އިންނެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ތިން ވަނައަށް އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަން، އިޓަލީ، އިންޑިއާ، އެމެރެކާ، ފްރާންސް، ސްޕެއިން އަދި ސްވިޓްޒަލޭންޑް އެވެ.
މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ކަމަށްވާ އިރު، ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ މި މަހުގެ ފަހުކޮޅު އެ އަދަދު ހަމަވާނެ ކަމަށެވެ.






