Saturday, October 31
އަންނަ އަހަރު ވެގެންދާނީ ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް: ރައީސް

އަންނަ އަހަރު ވެގެންދާނީ ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް ކަމަށާއި، އެ މަޝްރޫއު ބާރަށް ކުރިއަށްގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ.ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތޮއްޑޫގެ ތަރައްގީއަށް ބަލާއިރުގައި، ރަށުގެ މަގުތައް ވަރަށް ހާލު ބޮޑު ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް މަގުތަކުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި، އެއީ، ގާ އަތުރައިގެން މި ރަށުގެ ޓޫރިޒަމަށްވެސް އެންމެ މަގުފަހިވާ ގޮތަށް ކަމުގައިވާނަމަ. އަދި އަޅުގަނޑަށް މިހާރު މައުލޫމާތު ވެސް ލިބޭ، އެގޮތަށްކަން ރައްޔިތުން ބޭނުންވަނީ.

ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއުއަކީ މިހާރު ސޮއިކުރެވިފައި އޮތް މަޝްރޫއުއެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ 2025 ގައި ކުރިއަށް ގެންދަން ފާސްކޮށްފައި އޮތް ބަޖެޓުގައި، އެންމެ އިސްކަމެއް ދޭ އެއްކަމަކަށް އޮންނާނީ، ފެނާއި ނަރުދަމާ އެޅުމާ އެކީގައި މަގުހެދުން ކަމަށެވެ. އަދި ތޮއްޑޫގައި ފެނާއި ނަރުދަމާގެ ކަންކަން މިހާރު ނިމިފައިވުމާ އެކީގައި، މިހާރު އޮތީ މަގުހެދުމާ ހަމަޔަށް ގޮސްފައި ކަމަށާއި، އެހެންކަމުން މި އަންނަ އަހަރު ވެގެންދާނީ، މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މި އަންނަ އަހަރު ވެގެންދާނީ، މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް. އެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން.

ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ނިމުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި، ސްކޫލަށް ކުދިން ދިއުމުގައި، ވިއްސާރަ ދުވަސް ދުވަހު، މައިންބަފައިން އުޅެންޖެހޭ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އިގުތިސާދީ ކުރިއެރުން ރަށަކަށް އައުމުގައި، ފެންވަރު ރަނގަޅު މަގުތަކެއް ހުރުމަކީ އެތައް ގުނައަކަށް އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކަށް ކުރިއެރުން ލިބޭ ކަމެއް ކަމަށާއި، އެހެންކަމުން މަގު ހެދުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު