Saturday, October 31
އިންތިޚާބުތަކާ ދިމާކޮށް ކުރީ ސަރުކާރުން 1،900 އަށްވުރެ ގިނަ ކުށްވެރިން ދޫކޮށްލި: ރައީސް

އިންތިޚާބުތަކާ ދިމާކޮށް، ނިމިދިޔަ ސަރުކާރުން 1,900 އަށްވުރެ ގިނަ ކުށްވެރިން ދޫކޮށްލައިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ ނިމިދިޔަ ސަރުކާރުން އެކިއެކި އިންތިޚާބުތަކާއި ދިމާކޮށް ސިޔާސީ މަގުސަދެއްގައި ކުށްވެރިން ދޫކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ކޮންމެ އަހަރަކު ދޫކޮށްފައިވާ ކުށްވެރިންގެ ތަފްޞީލް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، 2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް 429 މީހުން ދޫކޮށްލައިފައިވެއެވެ. އަދި 2022 ގައި 256 މީހުން ދޫކޮށްލައިފައިވާއިރު، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 މީހުން ދޫކޮށްލައިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ތަފްޞީލްކޮށްދެއްވި ނަންބަރުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ދޫކޮށްފައިވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި ދިމާކޮށެވެ. އެއީ 762 މީހުންނެވެ. ކުށްވެރިން ދޫކޮށްފައިވާ ޕެޓާންއަށް ބަލާއިރު މުޅީންވެސް އިންތިޚާބުތަކާ ދިމާކޮށް ގިނަ ކުށްވެރިން ދޫކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން، ކްލެމެންސީގެ ތެރެއިން ނުވަތަ ޤާނޫނުގައި އެ އޮންނަ ފުރުސަތުގެ ތެރެއިން ނުވަތަ ރައީސުލްޖުމުހޫރިއްޔާ ދެއްވާ ލުއިގެ ތެރެއިން ދޫކޮށްލާފައިވަނީ ޖުމުލަ 86 މީހުންކަމަށެވެ. މިއަހަރުވެސް އިންތިޚާބެއް އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ކަމެއް ސިޔާސީ މަގުސަދެއްގައި ނުކުރައްވާނެކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން އަމިއްލަ ފައިދާއެއް ހޯދާކަށެއް ނޫން. އޭގެ ބަދަލުގައި އަޅުގަނޑުމެން އެމީހުންނަށް ކަންތައްތަކެއް ދަސްކޮށްދެނީ. އިހަށްދުވަހު ކެބިނެޓުން މި ފާސްކުރީ ޖަލުތަކުގައި ތިބޭ މީހުންނަށް ރިހިބިލިޓޭޓް ވުމަށް، ނުވަތަ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގައި ޖަލުތަކުގައި ތިބޭ އަޚްލާޤް ރަނގަޅު މީހުންނަށް އިސްކަންދީގެން ބައިވެރިކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން މަގުހެދުމުގެ މަސައްކަތް ފާހަގަކުރައްވާ ވިދާޅުވީ އެފަދަ މަސައްކަތުގައި ބައިވެރިކޮށްގެން ލުއި ރަނގަޅު ބަޔަކަށް ހަދައި ލުއި ދިނުމަށް މި ސަރުކާރުން ނިންމާފައިވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު