Saturday, October 31
ތޮއްޑޫގައި ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފި

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ތޮއްޑޫ ކައުންސިލުން ވަނީ ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

އަދި، ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން އެ ރަށެއްގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ތޮއްޑޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު