ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ކ. ފުށިދިއްގަރު މައްސަލައިގެ ދައުވާ ކުރިއަށް ގެންދަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ދައުވާ ބޭރުކުރުމުން ޕީޖީ އޮފީހުން ފުރަތަމަ ހުށަހެޅި މި މައްސަލަ ހައި ކޯޓުން ކުރިއަށް ނުގެންދިޔައީ ޖިހާދުގެ އެޑްރެހަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވިގެންނެވެ. އެހެންކަމުން އެޑްރެސް ސާފުކޮށް އަލުން މައްސަލަ ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް އޮފީހަށް ފޮނުވާލިއެވެ. އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ދެވަނަ ފަހަރަށް ދިން ފުރުސަތުގައި ޕީޖީ އޮފީހުން މައްސަލަ ހުށަހެޅީ ދިން މުއްދަތަށް ވުރެ ދެ ދުވަސް ފަހުން ކަމަށްވާތީ، ހައި ކޯޓުން މި މައްސަލަ ރަޖިސްޓްރީ ނުކޮށްދިނެވެ. އަދި ޕީޖީ އޮފީހުން ފަނޑިޔާރުންގެ މަޖިލީހަށް ނިންމުން މުރާޖާ ކުރަން ހުށަހެޅުމުން އެ މަޖިލީހުންވެސް ރަޖިސްޓްރާގެ ނިންމުން ދެމެހެއްޓިއެވެ.
މިމައްސަލާގައި ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ވަކީލު އަހުމަދު ޝަފީއު ބުނީ މިޔަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހައި ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
ޖިހާދުގެ މައްޗަށް ކުރާ ދައުވާ އަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާއެވެ. ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ 25 ޖުލައި 2024 ގައެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފް ކުރީ 29 އޮގަސްޓް 2024 ގައެވެ. އަދި މި މައްސަލަ މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީބަލައިގެންފައެވެ.
މި ލިޔުން ކިޔާލުމުން