އާދިއްތަ, November 1
އިސްލާމްދީނުގެ އަގީދާގެ މަތީގައި ތިބި ދަރިންތަކެއް ބިނާކުރުމަށް އެއް ރޫހެއްގައި މަސައްކަތްކުރަންޖެހޭ: ރައީސް

މާތްވެގެންވާ އިސްލާމް ދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި، ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އެކުގައި، އެއް ރޫހެއްގައި، މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ބައެއް ދަރިވަރުން ހުށަހެޅި ހުށަހެޅުންތަކަށް ތައުރީފުކުރައްވަމުން ރައީސް ވިދާޅުވީ މި ހުރިހާ ކުދިންނަކީ ވެސް ވަރަށް ހުނަރުވެރި ކުދިން ކަމަށާއި މި ސްކޫލުގައި އެޅިގެން މިދަނީ ގައުމުގެ މުސްތަގުބަލުގެ ވަރަށް ރަނގަޅު ބިންގަލެއް ކަމަށެވެ. އަދި އެ ހުށަހެޅުންތަކުން ފެނިގެންދިޔައީ ރަނގަޅު ބިންގަލެއްގައި ކުދިން ބިނާކުރެވިގެންދާ ތަން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި، ދިވެހި ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް އަށަގަނެފައިވާ އަދި ދިވެހި ގައުމުގެ މުސްތަގުބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގައި އެންމެން އެކުގައި، އެއް ރޫހެއްގައި ގައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަކީ މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަކީ ވަރަށް އުޖާލާ މުސްތަގުބަލެއް.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މާފަންނު މަދަރުސާގެ ތަރައްގީއަށްޓަކައި އެ ސްކޫލުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް، ކުރިއަށް އޮތް ތަނުގައިވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާހައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެ ރޮނގުން މުދައްރިސުން ބިނާކޮށް، ތަމްރީނު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު