ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫޢެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫޢަކަށް އިޙްތިރާމުކުރައްވާނޭކަމަށާއި، އަދުގެ ސަރުކާރުން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނޭ ކަމަށެވެ. އަދި، އުކުޅަހުގައި ހުޅުވި މި ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭ ކަމަށެވެ.
މީގެ އިތުރުން، ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އަދި އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅައިގެ ރޫޙު ދިރުވާ އާލާކޮށް، ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މި ލިޔުން ކިޔާލުމުން