އާދިއްތަ, November 1
ދޮންބަންޑާރައިންގެ ރީތި އަޚުލާގުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް

ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ ރީތި އަޚުލާގުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ހުރަވީ ދުވަހަކީ ގައުމަށް އަމާނަތްތެރިވުމާއި، ގައުމަށް ޚިޔާނަތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެކެވެ.

އެގޮތުން ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި، ރީތި އަޚުލާގަކީ މިއަދު ލިބިގަންނަވީ އެންމެ އަގުހުރި ފިލާވަޅުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ އުތުރުކަރައިގެ ހޮޅީންނާ ހަނގުރާމަ ކުރައްވައި ދޮންބަންޑާރައިން ދިވެހީންނަށް ހޯއްދަވައިދެއްވި ނަސްރުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.

ހޮޅިން ނުވަތަ މަލާބާރީން ރާއްޖެ ހިފިތާ 3 މަހާއި، 20 ދުވަސްވީތަނާ ދޮންބަންޑާރައިންނާއި، އެމަނިކުފާނުގެ 4 އެކުވެރީންނާއި، އެބައިމީހުންނަށް ތަބައަވީ މީހުންގެ ތެރެއިން ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ.

އެއަށްފަހު ހިޖުރައިން 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމުގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި ހޮޅީން ބަލިކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު