އާދިއްތަ, November 1
މާލީ ހާލަތު ރަނގަޅުކުރަން ރައީސް އެޅުއްވި ފިޔަވަޅުތައް ހަރުދަނާވެފައި ނަތީޖާ ރަނގަޅު: ސަޢީދު

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ފިޔަވަޅުތައް ހަރުދަނާވެފައި ނަތީޖާ ރަނގަޅު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ވައްޓާލާފައި އޮތް އަނދަވަޅުން ސަލާމަތްކުރަން ރައީސް އެޅުއްވި ފިޔަވަޅުތައް ހަރުދަނާ ކަމަށާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.

އެމްޑީޕީއަށް އިޝާރަތްކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ އިންތިހާއަށް ޚަރަދު ބޮޑުކޮށް، ރާއްޖެ ދަރަނިވެރި ކުރުވި ދެ ހާލަތެއް ފަހުގެ ތާރީޚު ދެކެފައިވާ ކަމަށާއި، އެ ދެ ހާލަތު ވެސް އުފަންކުރީ އެއް ބައެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ބޭރު ފައިސާ ހޯދުމުގައި ވަނީ ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ.

އޭގެތެރޭގައި މިދިޔަ ސެޕްޓެމްބަރުގައި ރާއްޖެއާއި އިންޑިއާއިން ގާއިމުކުރި 400 މިލިއަން އެމެރިކާ ޑޮލަރާއި، 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ހިމެނޭކަން ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޚާއްސަކޮށް ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން 2025 ގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތަށް ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ދަރަނި ދެއްކުމަށް އޮތް ރިސްކުތަކަށް ހައްލެއް ލިބިގެންދާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ސަރުކާރުގެ އިސްލާހީ އެޖެންޑާ ފުރިހަމައަށް ތަންފީޒުކުރެވުމުން ރާއްޖޭގެ އިގުތިސާދަށް ކުރިއެރުން ލިބި، ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ގެނެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު