Saturday, October 31
އޭ.އެމް.އާރު ކޮންޓްރޯލް ކުރަންހުރި ގޮންޖެހުންތަކަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް - ހެލްތު މިނިސްޓަރ
އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ބެހޭ ޤައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާޙްކޮށްފި އެވެ.

"ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޮބިއަލް ރެސިސްޓެންސް" (އެން.އޭ.ޕީ އޭ.އެމް.އާރު) ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހ. މީރުމާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒމް އިބްރާހީމް ވިދާޅުވީ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޮންޓްރޯލް ކުރަން ހުރި ގޮންޖެހުންތަކަކީ، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި އެގޮންޖެހުންތައް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. މިއީ ދުނިޔޭގެ ޤައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ބައިވެރިވުން މިކަމަށް ބޭނުންވާކަން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިއަހަރު މިކަމާއި ގުޅިގެން އދ. އެންމެ ހައިލެވެލް ބައްދަލުވުމުގައި  ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންގެ ޞިއްޙަތަށް މިކަމުގައި ހުރި ގޮންޖެހުންތަކާއި ސީރިއަސްކަން ހާމަކޮށްދެއްވާފައިވާކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި އެވެ.

”މިކަމުން އަޅުގަނޑުމެންނަށް އަންގައިދެނީ ދިވެހިންގެ ޞިއްހަތާއި ގުޅޭ މިފަދަ ކޮންމެ ކަންކަމުުގައި ދިވެހި ސަރުކާރުން މިކަން ނަންގަވާ ސީރިއަސްކަން. ހުދު ރައީސުލްޖުމުހޫރިއްޔާ ވަޑައިގެން މި މަހާސިންތާގައި އެމަނިކުފާނުގެ ބައިވެރިވުން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވާ“ މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި އޭ.އެމް.އާރު ގެ ސަބަބުން އޮތް ނުރައްކާ އޮތީ ހަމައެކަނި އިންސާނުންނަށް ނޫންކަން ފާހަގަކުރެއްވި. އެގޮތުން އެއީ މުޅި ކާބޯތަކެތީގެ ނިޒާމާއި އެކޯސިސްޓަމަށް އޭގެ އަސަރުކުރާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

2024- 2029 އަށް ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް އެކުލަވާލި މި ޕްލޭންގައި 2029 ގެ ނިޔަލަށް އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލި ދެވަނަ ޕްލޭނެވެ. ޕްރަތަމަ އެކްޝަން ޕްލޭން އެކުލަވާލާ އަމަލުކުރަން ފަށާފައިވަނީ 2017 ވަނ އަހަރުން ފެށިގެންނެވެ.

އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ބެހޭ ނޭޝަނަލް އެކްޝަން ޕްލޭން (2024–2029) އެކުލަވާލާފައިވަނީ ކުރީގެ ޕްލޭން މުރާޖަޢާކުރުމަށްފަހު އެ ޕްލޭން ތަންފީޒުކުރުމާއި ހުރި ގޮންޖެހުންތައް ހިމެނޭ ގޮތަށެވެ. މި ޕްލޭނަކީ ޑަބްލިޔުއެޗްއޯގެ ގްލޯބަލް އެކްޝަން ޕްލޭނާ ގައި ހިމްނާފައިވާ ކަންކަމަށް ރިޢާޔަށްކުރުމަށް ފަހު އޭގައި ހިމެނޭކަންކަންވެސް ހިމަނައިގެން އެކުލަވާލި ޕްލޭނެކެވެ. އެއީ ކުރިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ބިނާކޮށް އޭއެމްއާރާ ދެކޮޅަށް މަސައްކަތް ކުރުމަށް މިހާރު ހުރި ހުރަސްތައއް ބަލައި އެކަންކަން ހައްލުކުރެވޭނެގޮތަކަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު (ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް) ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުންދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. "އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމީ މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލައެވެ. އަދި ދުނިޔެއަށް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން ލިބިފައިވާ ގިނަކުރިއެރުންތަކަށް ބޮޑުގޮންޖެހުމަކަށް މިކަން ވެދާނެކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާވަނީ އިންޒާރު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު