އާދިއްތަ, November 1
ފުއާދު ސަފީރުކަމަށް އައްޔަންކުރަން ކޮމިޓީން ރުހުންދީފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އައްޔަންކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަަކަށް ފުއާދު އައްޔަންކުރެއްވުމަށް ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ފޮނުއްވީ މިދިޔަ މަހުގެ 25 ގައެވެ.

އެ މަގާމަށް ފުއާދު ހަމަޖައްސާނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި އެ މައްސަލައާމެދު ގޮތެއް ނިންމުމުން ކަމަށްވާއިރު، ކޮމިޓީން މިއަދު ވަނީ މައްސަލަ ދިރާސާކޮށް ނިންމާފައެވެ.

ފުއާދު ސަފީރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ފުއާދުގެ އީސީގެ ދައުރު ހަމަވީ މިދިޔަ މަހުގެ 23 ވީ ހޮނިހިރު ދުވަހުއެވެ. އޭނާ ވަނީ ދެ ދައުރެއްގައި އީސީގެ ރައީސްކަން ކުރައްވައިފައެވެ.

ފުއާދު ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ 35 އަހަރުވެފައިވާއިރު، އޭނާ ވަނީ ފޮރިން މިނިސްޓްރީގައްޔާއި، ސާކްގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު