އާދިއްތަ, November 1
ޗައިނާ ސަފީރު ނައިބު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލީޒިން މިއަދު ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަފީރު ވޮންގ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައިފައެވެ. އަދި ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި، މި ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދު، ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު ސަފީރު ވަނީ މި ސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، ކުރިއެރުންތައް ފާހަގަކުރައްވައި، އެކަންކަމަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ މަތީ ތައުލީމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރައްވައި އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވައިފައެވެ. އެއީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކޮށް، ދެމެހެއްޓެނިވި ރޫހެއްގައި އެއްބާރުލުން ދީގެން ހޯދިފައި އޮތް ކުރިއެރުމެއްކަން ދެބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު