ކޮޕީރައިޓްގެ ޙައްޤުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 70 އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތުން ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދު ފާސްކުރެވުނު މި އިޞްލާޙާއެކު ކޮޕީރައިޓްގެ ޙައްޤުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުވެގެންދާނެއެވެ. މިގޮތުން އުފެއްދުމެއްގެ އިޤްތިޞާދީ އަދި އަޚްލާޤީ ޙައްޤުތައް، އެ އުފެއްދުމެއްގެ މުޞައްނިފުގެ ޙަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު، ފުރިހަމަ 70 އަހަރު ވަންދެން މި ޤާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
އަދި، ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިޤްތިޞާދީ އަދި އަޚްލާޤީ ޙައްޤުތައް، އެ މުޞައްނިފުންގެ ތެރެއިން އެންމެ ފަހުން ދިރިހުރި މުޞައްނިފުގެ ޙަޔާތުގައި އަދި އެއަށްފަހު 70 އަހަރު ވަންދެން ހިމާޔަތްކުރެވޭނެއެވެ.
މި ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ކޮޕީރައިޓް ޤާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި އެނޫންވެސް ޙައްޤުތަކާ ގުޅޭ ކަންކަން އިތުރަށް ތަފްޞީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭ ގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ކޮޕީރައިޓާ ގުޅޭ ޙައްޤުތައް ކަށަވަރުކުރުމުގައާއި އެނޫންވެސް ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުންވެސް އޭގެތެރޭގައި ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން