އާދިއްތަ, November 1
ބަންޑާރަނައިބުގެ އޮފީސް ސިވިލް ސަރވިސްއިން ވަކިކޮށް، ވަކި ޚިދުމަތަކަށް ހެދުމަށް ބިލު ހުށަހަޅައިފި

ސިވިލް ސަރވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ ޚިދުމަތަކީ ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށެވެ.

މި ބިލުގައިވާ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި، އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ.

މުވައްޒަފުންނަށް ދޭ މުސާަރައާއި، އިނާޔަތްތައް ކަނޑައަޅާނީ ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.

މީގެއިތުރުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިޚުތިޔާރު ގާނޫނުން ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ. އަދި ގާނޫނުގެ ދަށުން ހަދާ، މުވައްޒަފުންގެ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވަވައިފައެވެ.

ބަންޑާރަނައިބުގެ އޮފީހަކީ މިހާރު ސިވިލް ސަރވިސްގެ ދަށުން ހިންގައި، އެ ތަނުގެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު