އާދިއްތަ, November 1
މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު ސަރުކާރުން އެކުލަވައިލި ބިލު މަޖިލީހަށް ހުށަހަޅުއްވައިފި

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ.

މި ބިލު ހުށަހަޅުއްވާ ސަބަބަކީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެ ކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ނިޒާމު އަންނަނިވި ކަންކަން ހާސިލުކުރެވޭނެ ފަދައަކުން އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

  1. ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
  2. މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
  3. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
  4. ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާގުޅޭ އުސޫލުތައް މުރާޖައާކުރުން.
  5. މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
  6. ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާ ކުރުން.
  7. އެ ނޫން ވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިޔުން ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު ވިދާޅުވެފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަމެވެ.

އެހެންކަމުން މިހާރު ހުށަހަޅުއްވާފައިވާ ބިލަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު އެކުލަވައިލި ބިލެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފުތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު