ދައުލަތުގެ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ އޮންލައިންކޮށް މޫނު ދެނެގަންނަ (ފޭސް ވެރިފިކޭޝަން) ޚިދުމަތް އަލުން ފަށައިފިއެވެ.
ނެޝަނަލް ސެންޓަރ ފޮރ އިނފޮރމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް" (ސަމްސަބް) ކުންފުނިން އެ މަސައްކަތް ވަކިކޮށް، އައު ވެންޑާއަކާއި މަސައްކަތް ހަވާލުކުރުމަށްފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް ވަނީ ފަށައިފައެވެ.
މިވަގުތު މި ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށް ކަމަށާއި އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެކަމަށް އެން.ސީ.އައި.ޓީ އިން ހާމަކުރެއެވެ.
ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަމުންދަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ބޭނުންކޮށްގެނެވެ. އަދި މިކަން ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެން.ސީ.އައި.ޓީގެ އެތެރޭގައި ކަމަށާއި، ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް އަދި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށްވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެއް ކަމަށް އެން.ސީ.އައި.ޓީ އިން ހާމަކުރެއެވެ.
"އަޅުގަޑުމެންގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް މި ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ، ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން"، އީފާސްގެ ފޭސްވެރިވިކޭޝަން އަށް ގެނައި މިބަދަލާއި ގުޅިގެން އެން.ސީ.އައި.ޓީ އާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސްވެރިޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެފައިވެއެވެ.
އަދި މި އަމާޒު ހާސިލްކުރުމުގައި އަބަދުވެސް ރައްޔިތުންގެ އަޑުއަހައި އިހުސާސްތައް ދެނެގެން ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށްވެސް ކިނާނަތު ވިދާޅުވިއެވެ.
އީފާހުގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދްމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތައްކަން ކަށަވަރުކުރުމެވެ. މީގެ ބޭނުމަކަށްވަނީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ހަނިކުރުމެވެ. އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް ތައާރަފުކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރުކުރަމުން އައީ އެކަމަށް ހާއްސަކުރެވިފައިވާ މަރުކަޒުތަކަށް އެފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓްކޮށްގެނެވެ. ނަމަވެސް 2023 ގައި އޮންލައިން ފޭސް ވެރިފިކޭޝަން ތައާރަފުކުރުމުން އީފާސް ބޭނުންކުރާ ފަރާތަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު، ފޭސް ވެރިފިކޭޝަން ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
މި ލިޔުން ކިޔާލުމުން