ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓް ކުރުމަށް ހަދާ ހޯޕް އައިލެންޑްގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރައްވާނެ ކަމުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކުރުމަށް ދާޚިލީ ވުޒާރާއިން ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތާ ގުޅޭ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ވަޒީރު ވިދާޅުވީ ދާޚިލީ ވުޒާރާއިން މިއަދު އާންމުކުރި ވީޑިއޯގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރުގައި ކުށުގެ ރެކޯޑު އޮތް ނުވަތަ ކުށުގެ މާހައުލުގައި އުޅެމުންދާ އަދި ކުށުގެ މާހައުލަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮތް 400 އަށްވުރެ ގިނަ ކުދިން ތިބި ކަމަށެވެ. އަދި މި މައްސަލައަށް އިންގިލާބީ ބަދަލެއް ގެންނަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، އެގޮތުން ''ހޯޕް އައިލެންޑް'' ކޮންސެޕްޓް ޑިވެލޮޕްކުރަން ފެށި ކަމަށެވެ.
ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ކުށުގެ މާހައުލުގައި އުޅޭ ކުދިން އަދި ކުށްކުރާ ފަރާތްތަކާއެކު މިވަގުތުގައި ވެސް ފާހަގަވެފައިވާ ކުދިންނާއި، ކުށް ކުރުމުގެ ރިސްކު އޮތް ކުދިން، ގާނޫނީ ހަމައިގެ ތެރެއިން ވަކި ރަށަކަށް ގެންގޮސް، އެ ރަށުގައި ހިންގޭ ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގެ ތެރެއިން އެ ކުދިންނަކީ މުޖުތަމައުއަށް ފައިދާހުރި ބޭނުންތެރި ކުދިންނަށް ހެދުން ކަމަށެވެ.
މި މަސައްކަތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ޕްރޮޖެކްޓެއްގެ ސިފައިގަ އެކުލަވައިލާ ބަޔަކާ ހަވާލުކުރާނަން މި އަހަރު ނިމުމުގެ ކުރިން.
ވަޒީރު ވިދާޅުވީ ތިން އަހަރު ދުވަހުގެތެރޭގައި މި ފެސިލިޓީގެ ފުރިހަމަ ޚިދުމަތް ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ހިސާބުން ފެށިގެން ކުށުގެ މާހައުލުގައި އުޅޭ ކުދިން މުޖުތަމައުން ނުފެންނާނެ ކަމަށާއި، އެ ކުދިންނަށް އެންމެ އެދެވޭ ގޮތަށް ބޭނުންވާ ޚިދުމަތާއެކު މި ފެސިލިޓީ ދާނީ ހިނގަމުން ކަމަށެވެ.
މި ލިޔުން ކިޔާލުމުން