ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ "ސެމިނަރ ފޯރ އިންޓަރމީޑިއެޓް އެންޑް ސީނިއަރ ޕޮލިސް އޮފިސަރސް" ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 15 އޮފިސަރުން އިއްޔެ ޗައިނާއަށް ފުރައިފިއެވެ.
ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގައި 1 އިން 14 ޑިސެންބަރު 2024 އަށް ކުރިއަށްގެންދާ މި ސެމިނާރގައި ބައިވެރިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް އާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހުން ކަމުގައި އެ ޚިދުމަތުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ގާނޫނީ ވިސްނުންފުޅުތަކާއި، ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ކަމަށާއި، މައްސަލަތައް ތަޙުޤީޤު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައްވެސް މި ސެމިނަރގައި ހިމެނޭ ކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ސެމިނަރގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ޤައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން