ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އަމުރު ނެރެފައިވާ މި ދަނޑިވަޅުގައި އޭނާ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނެތޯ ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް މިނިސްޓަރު އިޙްސާން ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފައެވެ.
ނަމަވެސް ފަހުން ވަނީ އެ ޕޯސްޓު ޑިލީޓްކުރައްވާފައެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރަމުންދާތީ މިނިސްޓަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށް ރޭ ވެސް ދަންނަވާފައިވާނެ ކަމަށެވެ.
އަދި ބައެއް ނޫސްތަކުން ގުޅުމުން މި ވާހަކަ ތަކުރާރުކުރައްވައި، އިތުރު ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފައިވާނެ ކަމަށެވެ.
''ރޭގަ އަޅުގަނޑު އެކްސް ގައި ކުރި ޕޯސްޓް ޑިލީޓުކުރީ ބައެއް ހެޔޮއެދޭ ބޭފުޅުން އެޓުވީޓުގައި މީޑިއާއަކަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ވާހަކައަކީ ރަސްމީ ހައިސިއްޔަތުން ބުނަން އެއްމެ ރަނގަޅު ވާހަކައެއް ކަމަށް އެ ބޭފުޅުން ނުދެކޭ ކަމަށް ބުނުމުން.''
މިނިސްޓަރު ވިދާޅުވީ ޕޯސްޓު ޑިލީޓު ކުރެއްވީ އެއްވެސް ހާލެއްގައި ޕޯސްޓުގައިވާ ސްޓޭޓްމަންޓް އަދި ރާއްޖޭގެ ސިޔާސަތު ބަދަލުވުމަކުންނެއް ނޫން ކަމަށެވެ.
މި ލިޔުން ކިޔާލުމުން