އާދިއްތަ, November 1
ރޭސް ކާރު އެކްސިޑެންޓް: އިކްރާމުއްރަޙްމާން ދޫކޮށްލައިފި

މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި މައްސަލާގައި ދައުވާ އުފުލާފައިވާ އިކްރާމުއްރަޙްމާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެކްސިޑެންޓް ހިނގިއިރު ކާރުގައި އިން އިކްރާމުއްރަޙްމާން ބުނާ ގޮތުގައި އޭނާ ކާރަށް އެރީ މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އާއިލީ ގެއަކަށް ދާންޖެހިގެން ފަސިންޖަރެއްގެ ގޮތުގައި ކާރުގައި ދިއުމަށް ކަމަށެވެ.

މިކަމަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލުމަށް އޭނާ ވަނީ އެދިފައެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވިދާޅުވީ އިކުރާމުއްރަޙްމާނަށް ދައުލަތުން ކުރާ ތުހުމަތުތަކަށް ބަލާއިރު، އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވާވަރުގެ ކަމެއް ނެތް ކަމަށާއި، އެހެންކަމުން އޭނާ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލާގައި ހ.ނޫރަންމާގެއާގެ އިކުރާމުއްރަޙްމާންގެ އިތުރުން ކާރު ދުއްވަން އިން މ.ލޭންޑް އޮފް ގާރޑްން އިބްރާހިމް އިކްރާމާއި، ގއ.ކަނޑުހުޅުދޫ އާޒާދުގެ، ޖިނާޙް އިސްމާޢީލްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މިއަދުގެ އަޑުއެހުމުގައި އިކްރާމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. ނަމަވެސް އިކުރާމުއްރަޙްމާނާއި، ޖިނާޙް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

އިކްރާމުގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި، އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާއާއި، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.

އިކުރާމުއްރަޙްމާންގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއާއި، އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާއާއި، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.

ޖިނާހުގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު