ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެ ތިބެ ޚިދުމަތްދޭން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރު އެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ބ. އަތޮޅު ކައުންސިލު ރައީސް އާއި ކަމަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ޢަލީ ޝުޖާޢު ވިދާޅުވީ މިއަދަކީ ކަމަދޫގެ ރައްޔިތުންނަށާއި ކަމަދޫއަށް ޒިޔާރަތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕޮލިސް ޕޯސްޓު ގާއިމުކުރެވިގެންދިޔަ ތާރީހީ ދުވަސް ކަމަށެވެ.
އަދި ކަމަދޫއަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއްކަމަށާއި ކަމަދޫ ޕޮލިސް ޕޯސްޓަކީ ރަށުގައި އިތުރަށް ކުށް ވިޔަނުދިނުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުކަމަށާއި ފުލުހުންގެ ގާނޫނުން ވެސް އެކަން ލާޒިމުކުރާކަމަށް ވިދާޅުވިއެވެ.
"މި ރަށުގައި ތިބޭ ފުލުހުންނަށް އަޅުގަނޑު ދަންނަވައިލާނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތިޔައިން އެއްވެސް ފުލުހެއް ފަހަތަށް ނުޖެހުމަށް'' ކޮމިޝަނަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުގެ ރައްޔިތުންނާ ގުޅިގެން، ކުށް ވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް އުފެދުމުގެ ކުރިން، ކުށް އުފެދުމަށްހުރި ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރުމަށާ އަދި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކަމަދޫއިން ފެނިގެން ދިއުން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތްކުރުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.
މި ލިޔުން ކިޔާލުމުން