އާދިއްތަ, November 1
އޭސީސީއާއި އީސީގެ ވެރިން އައްޔަންކުރެއްވުމުގެ ބާރު ރައީސަށް ލިބޭ ބިލުތައް ތަސްދީގުކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި، ނައިބު ރައީސް އައްޔަންކުރެއްވުމުގެ ބާރު އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި މި ދެ ބިލުގެ މަގުސަދަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި، ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ދެ ބިލުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެއެވެ. އަދި އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހެއެވެ.

އެގޮތުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެ ދެ ކޮމިޝަނުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުން އިސްތިއުފާދެއްވަން ބޭނުންވެވަޑައިގެންފިނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމުން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްގެ މަގާމުން އެ ބޭފުޅަކު ވަކިވީ ކަމުގައި ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މި ދެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ދެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު